Pages

Friday, April 8, 2011

މިސްރާބު އޮޅި މަގުން ނެއްޓި ކަނޑުވީބާ؟

"ފުރިފައި ހުރި އެއްޗެއް ގުޑު ގުޑެއް ނާޅާނެ" އޭ އެބުނަނީ ދެން އެއެއްޗެއް "ގުޑުގުޑު" އަޅާވަރަށް ނޫންނަމަ ތެޅިފޮޅޭވަރަށް އޭތީގައި ވަރު ނުހުނަނާތީކީ ނޫނެވެ. ނަމަވެސް ތެޅިފޮޅުމުގެ ބަދަލުގައި އެބުނާއެއްޗަކީ ސިކުނޑި ކަމަށް ވާތީ ތެޅިނުގަނެ ކަންކުރާންވިސްނާ އުޞޫލުގެ ވާހަކައެވެ.
މިއަދަކީ އެދުވަހެއް ނޫންކަން ވިސްނުން މީ ކަމުގެ ޙަޤީގަތެވެ. ބަދަލު ތަކެއްގެ ދުއްތުރާލާ ފަސޭހަ ތަކެއް ހޯދުމަށް ކުރެވިދިޔަ މަސައްކަތް ތަކެއް ފެށިގަތް ދުވަސްވަރެވެ. މިހެން ކަންހުރުމުން ބައިވަރު މައްސަލަތައް ފެންމަތި ވާނެކަން ހަމަ ހެޔޮވިސްނޭ އެންމެންނަށްވެސް އެގޭނެއެވެ. ނަމަވެސް ކަންކަމަށް ފެންބޮވައިގެންފައި ތިބިލެއް ބޮޑުކަމުން ހިގާފާ ދެވެން އޮތްތާކަށް ބަލާނުލާ ދުއްވާއިގަތުމުން އަރިއަޅާލާ މަގުން ކައްސާލާތަން މިހިރަގެން ފެންނަނީ އެވެ. މާލިމީ ދިންމިސްރާބާއި ދެވޭމަންޒިލާއި ކަސިޔާރުވުމުން ދެން ވާންއޮތްގޮތް މިހިރަވަނީ އެވެ.
މަގުމަތީ ހަޅޭއްލަވައި ކަންކޮށްދޭން ތިބި މީހުންގެ ކަރާމާތް ކަޑަމުން ދިޔަކަމުގެ ހިތި ރަހަ އެބަޔަކަށް ލާންވެސް މިއޮތީ ފަށާފަތާދޯއެވެ. ކޮންމެ ބައެއްތެރޭގައިވެސް ހެވާއި ނުބައި ވާގޮތަށް އޭރުވެސް އަދި މިހާރު ތިބި މީހުންގެ ތެރޭގައި އެބައި އެބައޮތްކަން އެގުންލެއް ތަންކޮޅެއްފަހީ ތާއެވެ. ދެންވެސް ހަމަމަގަށް އެޅުވޭނެ ގޮތަތަކަކީ ކޮބައިތޯ ބެލުން ބުއްދިވެރިއެވެ. މިގޮތުން އެންމެ މުހިންމު ކަމަކަށް ފެންނަނީ ޒާތީ ޖައްސާލުމުގެ ރޭހެއް ކުރިއަރާފައިވާތަނެވެ. މިގޮތުން ހައްތަހާވެސް "ދެބޯގެރި" ޖެއްސުމެވެ.
ތިމާގައި ގައި ހުރި ފަންވަރަކީ ތިމާގެ ސިކުޑީގައި ހުރި ފަންވަރެކެވެ. މިހެންވުމުން އެންމެ ފުރަތަމަ ކުރާން އޮތްކަމަކީ އަމިއްލަ ނަފުސަށް ތެދުވެރި ވުމެވެ. އަދި އެހެންމީހުންގެ ވެސް ސިކުޑީގައި ކޮންމެވެސް އެއްޗެއްހުންނާނޭކަން ޤަބޫލު ކުރުމެވެ. އަދި ދެންތިބި މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައި ކަންކުރާން ނިކުތުމެވެ. ތިމާގެ އިދިކޮޅު މީހާއަކީ ވެސް މިދެންނެވި ސިފަ (ސިކުޑި) ހުރިމީހެއްކަމަށް ޤަބޫލު ކުރަނީ ނަމަ ކަންކުރާން ފަސޭހަ ވާނެއެވެ. އަދި އިދިކޮޅުމީހާގެ ވިސްނުން އެގޭނަމަ އެމީހާ ލައްވާ އެމީހާގެ އެދޭގޮތަށް ތިމާ ބޭނުންވެގެން އުޅޭ މިސްރާބަށް އޮޑިހޭރިޔާ ކުރާން ފަސޭހަ ވާނެތާއެވެ. އެއީ އިދިކޮޅުމީހާގެ ރުހުން އެކަމެއްގައި ލިބުމުންނެވެ. އެހެންވެތާއޭ އިހުމީހުން އެބުނަނީ "މޮޔަ ރަހްމަތް ތެރިޔަކަށް ވުރެ ބުއްދިވެރި ދުޝްމިނެއްވެސް ހެޔޮވާނެއޭ!".
ދެން ބަލާން އޮތީ މާލިމީ ދިން މިސްރާބާއި މިހާރު މި ތިބެވުނީ ކިހާހިސާބެއްގާތޯއެވެ؟ މިޔަށް ފަރަންޖީން ކިޔާ އުޅެނީ "ސެފް އެނާލިސިސް" އެވެ. މާލިމީ ދިން މިސްރާބުން ކަސިޔާރު ވީމާ ދެންޖޭނީ އެއްކަލަ ދެވެން އޮތް އަނެއް ދިވެހި ރާއްޖެ ހޯދުމަށް އެހެން މިސްރާބަކުން ފިލާއަޅަންތާއެވެ. އަދި މާލަސްތަކެއް ވީހެން ހީނުވިޔަސް ކަންތައްތައް އަތުން ބީވާން މިއޮތީ ގާތްވެފައެވެ. އެހެންކަމުން ބެހިގެންދިއުމުގެ ކުރީން އިދިކޮޅެއް އެކޮޅެއް ނުބަލާ ބުއްދީގެ ބޭނުންކޮށް މިސްރާބު ހިފާން މަޖުބޫރެވެ.
އެހެން ނޫނީއްޔާ އަނެއްކާވެސް ވާނީ އެއް ވާހަކައަކަށެވެ! ވާނީ ވެސް އެހެން ތާއެވެ! އެގުޅިއެއްގައި ނެތް އެއްޗެއް އެގުޅި އަކުން ނުނެގޭނެ ނޫންތޯއެވެ؟ ޤަރާރު ހޯދުމަށް ވީ ދޮގު ވަޢުދާއި ކޮށްދޭނެ ކަމަށް ބުނާުކަންކަމާއި ގެންގޮސްދޭނެ ކަމަށް ބުނި އަނެއްދިވެހި ރާއްޖެވެސް އަތުނުޖެހޭ ހިސާބަށް ބެހިގެން އޮޔާދާނީ އެވެ.